ޖީ7 ގެ އިސްވެރިންގެ ސަމިޓުގައި، އީރާނާއި އެމެރިކާއާ ދެމެދު އެކުލަވާލާ އާ އެއްބަސްވުމާއި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ނިންމައިފިއެވެ.
ސްވިޒަލޭންޑްގެ ބޯޑަރު ކައިރީގައި އޮންނަ ފަރަންސޭސިވިލާތުގެ ރީތި ރަށެއް ކަމަށްވާ އީވިއަން-ލެ-ބެއިންސްގައި އިއްޔެ ފެށުނު ސަމިޓް އިންތިޒާމުކުރެއްވި ފަރަންސޭސި ރައީސް އެމަނުއަލް މެކްރޮން ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގެ އެންމެ ބޮޑު އިސްކަމެއް ދެނީ ފުރިހަމަ، އިތުބާރު ހުރި އަދި ވަރުގަދަ އެއްބަސްވުމެއް ގާއިމުކުރުމަށެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ޓަކައި، އީރާނާއެކު ވެވޭ މި އެއްބަސްވުން ވީހާވެސް އަވަހަށް ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބާރުއަޅާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ފަރަންސޭސިވިލާތަށް ވަޑައިގެންނެވި ރައީސް ޓްރަމްޕް ވިދާޅުވީ، އީރާނާއެކު ވެވޭ އެއްބަސްވުމުގެ ސަބަބުން ބޮޑެތި ކާމިޔާބީތަކެއް ލިބިގެންދާނެ ކަމަށެވެ. ހޯމަ ދުވަހު ޑިޖިޓަލްކޮށް ސޮއިކުރި މި ފުރަތަމަ މަރުހަލާގެ އެއްބަސްވުމުގެ ސަބަބުން، އީރާނުގެ ޔުރޭނިއަމް މުއްސަނދިކުރުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް 60 ދުވަހުގެ ފުރުސަތެއް ލިބިގެންދާނެއެވެ. މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ޖެނީވާގައެވެ.
އަންގާރަ ދުވަހުގެ މަސައްކަތުގެ މެންދުރުގެ ކެއުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ބެހޭގޮތުންނެވެ. މީގެ ތެރޭގައި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތް އިސްވެ އޮވެ ހިންގާ ކަނޑުގެ ސަލާމަތީ މިޝަނަކާ ބެހޭގޮތުން މަޝްވަރާކުރުމާއި، އެ ކަނޑުއޮޅި ނޫން އެހެން މަގުތަކުން ހަކަތަ ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުން ހިމެނެއެވެ. ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި، ހުކުރު ދުވަހު އެއްބަސްވުމުގައި ސޮއިކުރުމާއެކު ހޯރްމޫޒް ކަނޑުއޮޅި ”ފުރިހަމައަށް ހުޅުވާލެވޭނެ“އެވެ.
މި ބައްދަލުވުމުގެ ކުރިން ޖީ7 ގެ ގައުމުތަކުގެ ތެރޭގައި ހިމެނޭ ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީވިލާތް، އިނގިރޭސިވިލާތް އަދި ކެނެޑާގެ އިސްވެރިން ވަނީ ގުޅިފައިވާ ބަޔާނެއް ނެރުއްވާފައެވެ. އެ ބޭފުޅުން ވަނީ އެ ”ޑިޕްލޮމެޓިކް ކާމިޔާބީއަށް ޓަކައި“ އެމެރިކާއަށާއި އީރާނަށް މަރުހަބާ ދަންނަވައި، ހޯރްމޫޒް ކަނޑުއޮޅި އަވަހަށް ހުޅުވާލުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
އަންގާރަ ދުވަހުގެ މަޝްވަރާތަކުގައި ޔުނައިޓެޑް އެރަބް އެމިރޭޓްސް، ގަތަރު އަދި މިސްރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ނަމަވެސް، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ތަފްސީލީ ވާހަކަތަކުގައި އެ ބޭފުޅުން ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ރޮއިޓާސްއިން ރިޕޯޓުކުރެއެވެ.
މި އެއްބަސްވުމާ މެދު އުންމީދުތަކެއް އޮތް ނަމަވެސް، އީރާނުގެ އެތެރޭގައި ބައެއް ފަރާތްތަކުން އަދިވެސް ސުލްހަ ގާއިމުވެއްޖެ ކަމަށް ގަބޫލެއް ނުކުރެއެވެ. ހަމައެއާއެކު، ރަޝިޔާގެ ’ޝެޑޯ ފްލީޓް‘ އާގުބޯޓެއް އިނގިރޭސިވިލާތުން ދާދި ފަހުން ހިފަހައްޓާފައިވުމުން، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ނުތަނަވަސްކަން މި ސަމިޓުގެ ތެރޭގައި އިތުރަށް ބޮޑުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖީ7 ގައި ހިމެނެނީ އެމެރިކާ، ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް، ކެނެޑާ، ޖަރުމަނުވިލާތް، އިޓަލީވިލާތް، ޖަޕާން އަދި ޔޫރަޕިއަން ޔޫނިއަންއެވެ.

