ސިޔާސީ ކަންކަމާ ގުޅުވައިގެން ވަޒީފާތަކުން ވަކިކުރުމާއި، ސިޔާސީ ދައުވާތައް އުފުލުމާ ދެކޮޅަށް ބުރާސްފަތި ދުވަހު އިހުތިޖާޖު ކުރުމަށް އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.
މިރޭ ކުރިޔަށް ގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި، މި ހުށަހެޅުމާއި އެކު ސަރުކާރާއި ދެކޮޅަށް އިހުތިޖާޖު ކުރުމަށް ގިނަ ކަންކަން ފާސްކުރި އެވެ. އަދި މިރޭގެ ބައްދަލުވުމަކީ އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމާއި ރައީސް މުހައްމަދު ނަޝީދު ހަވާލުވެވަޑައިގަތުމަށް ފަހު ބޭއްވި ފުރަތަމަ ބާއްދަލުވުމެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރުގައި ބުނެފައި ވަނީ، އެމްޑީޕީގެ ސަރުކާރުން ރަށްރަށުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ ތެރެއިން 90 އިންސައްތަ މަސައްކަތް ނިމިފައިވާ ޕްރޮޖެކްޓްތައް ވެސް މި ސަރުކާރުން ހުއްޓުވާފައިވާ ކަމަށެވެ. އަދި ގާނޫނުއަސާސީގެ 23 ވަނަ މާއްދާއިން ދައުލަތަށް ލާޒިމުކުރާ މިފަދަ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރު ފެއިލްވެފައިވާ އިރު، ފެނާއި ނަރުދަމާގެ ގާނޫނުގެ ދަށުން 2025 އަށް ނިންމަންޖެހޭ މަސައްކަތްތައް ނުނިމޭނެތީ، ގާނޫނަށް ބަދަލު ގެނެސް އެ މުއްދަތު 2027 އަށް ދަންމާލާފައިވާކަމަށް ގަރާރުގައި ވެއެވެ.
ގަރާރުގައި ބުނެފައި ވަނީ މިކަމުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމަށާއި އިގްތިސާދީ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް އެޅި، ނުނިމި ހުރި ތަންތަން ވީރާނާވުމުގެ ސަބަބުން ދައުލަތަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.
މީގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ރައީސް މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރާ ފަރާތްތަކާއި އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވާ މީހުންނަށް ސިޔާސީ ގޮތުން ބިރުދައްކައި، ވަޒީފާއިން ވަކިކުރުމާއި ސަސްޕެންޑް ކުރުން ފަދަ ކަންކަން އެއްވެސް އުސޫލެއް ނެތި ކުރަމުންދާކަމަށް ގަރާރުގައި ވެއެވެ. އަދި ބުނެފައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ބޭނުންހިފާ ރައްޔިތުންނާ ދެކޮޅަށް ސިޔާސީ ދައުވާތައް އުފުލަން ފަށާފައިވާކަމަށެވެ.
ގަރާރުގައި ވަނީ އޮކްޓޯބަރު 3 ގެ އިހުތިޖާޖާއި ގުޅިގެން 8 މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާކަން ފާހަގަކޮށްފަ އެވެ.
އެހެންވެ ފާސްކުރި ގަރާރުގައި ވަނީ މި މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން، ހުއްޓިފައިވާ މަޝްރޫއުތަކާއި ކައުންސިލްތަކުން ހަވާލުވެ އެ މަސައްކަތްތައް ނިންމުމަށް ޕާޓީގެ ފަރާތުން މަސައްކަތް ކުރުމަށާއި، ސިޔާސީ ގޮތުން ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ދޭނެ ނިޒާމެއް ގާއިމުކުރުމަށެވެ.

