މަގުމަތީގެ އެއްވެސް ހަރަކާތެއްގެ ތެރެއިން ސަރުކާރު ވައްޓާލުމަށް މަސައްކަތެއް ނުކުރާކަމަށާއި، އެންމެ ގާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަމިއްލަފުޅަށް ވެރިކަން ދޫކޮށްލެއްވުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ސަންގުޓީވީގެ ޚާއްސަ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ސަރުކާރު ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން، ރައީސް ނަޝީދު ވިދާޅުވީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށާއި، ނަމަވެސް ސަރުކާރުގެ މިސްރާބު ހުރިގޮތުން އަމިއްލައަށް ވެއްޓުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރައީސް މުއިއްޒުގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި ސަރުކާރު ހިންގުމުގައި ގެންގުޅުއްވާ ސްޓްރެޓެޖީތަކަކީ ސިޔާސީ ގޮތުން ފުންކޮށް ވިސްނައިގެން ނިންމާ ނިންމުންތަކެއް ނޫންކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރައީސް މުއިއްޒު ދައުލަތް ހިންގަވަނީ ވަޒީރުންނާ ނުވަތަ ޕާޓީގެ އިސް ފަރާތްތަކާ މަޝްވަރާ ކުރެއްވުމެއް ނެތި ކަމަށެވެ.
އަޅުގަނޑުވެސް މި ހަމަ މިރަށުގައި މި އުޅެނީ. އެހެންވީމަ ކަމެއް ހިނގައްޖެއްޔާ އަޅުގަނޑަށްވެސް އިނގޭނެ. ޕާޓީތެރޭ ބޭފުޅުންނަކާވެސް މަޝްވަރާއެއް ނުކުރައްވާ. އަދި ޕާޓީގެ ކުރީގެ ސިޔާސީ ވެރިންނަކާވެސް މަޝްވަރާއެއް ނުކުރައްވާ.
މިގޮތަށް މަޝްވަރާއެއް ނެތި ކަންކަން ކުރެއްވުމުގެ ސަބަބުން، ގައުމުގައި ކަންކަން ހިނގަމުންދާ ގޮތް ރައީސަށް އޮޅުންނުފިލާކަމަށާއި، އެކަމުގެ ސަބަބުން ރައީސް މުއިއްޒު ވަނީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް އެކަނިވެރިވެފައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް މުއިއްޒަކީ ބޭވަފާތެރި ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވަމުން، ރައީސް ނަޝީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދު ރައީސް މުއިއްޒު ކަންތައް ކުރެއްވި ގޮތަށް ފާޑުވިދާޅުވެފައެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫނާ މެދު އަމަލުކުރައްވަމުންދާ ގޮތުންވެސް އެ ބޭވަފާތެރިކަން އެނގިގެން ދާކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނަ ކަމެއް ނޫންކަމަށެވެ.
ޣައިރު ޤާނޫނީ ގޮތެއްގައި ސަރުކާރު ވައްޓާލަން މަސައްކަތް ކުރާކަމަށް ބުނާ ވާހަކައަށް ރައީސް ނަޝީދު ވިދާޅުވީ، އެފަދަ އެއްވެސް ނިޔަތެއްގައި ހަރަކާތްތައް ކުރިޔަށް ނުގެންދާ ކަމަށެވެ. ނަމަވެސް، ރައީސް މުއިއްޒު ކަންބޮޑުވާންޖެހޭ ކަމަކީ، އެމަނިކުފާނުގެ އަމިއްލަ ނިންމުންތަކާއި އަމަލުތަކުގެ ސަބަބުން ސަރުކާރު އަމިއްލައަށް ވެއްޓިދާނެތީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑުމެނެއް ނޫޅެން ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލާކަށް. އެހެންނަމަވެސް އެބޭފުޅާ އަމިއްލަޔަށް ވެއްޓިވަޑައިގަތުމަކީ ވަރަށް ގާތް ކަމެއް
މި އަހަރު ނިމުމުގެ ކުރިޔަށް ސަރުކާރު ބަދަލު ކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވާކަމަށާއި އެ ބަހުގެ މާނައަކީ ކޮބައިތޯ ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ތެރެއިން ވެސް އެ މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި މަގުބޫލުކަން ދަށްވުމުން ރައީސް މުއިއްޒު އަމިއްލަފުޅަށް އިސްތިއުފާ ދިނުމުގެ ފުރުސަތު ބޮޑުކަމަށް ވިދާޅުވި އެވެ.

