ހަމްދަރުދީ އިސްކޮށް، ކޮންމެ ފަރުދަކަށްމެ އިހުތިރާމާއި ގަދަރުލިބޭ މުޖުތަމައުއެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިކަމަށް ގޮވާލެއްވީ 13 ވަނަ މެކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީގެ ބައެއްގެ ގޮތުގައި މިއަދު އޮންލައިންކޮށް ބޭއްވި، 8 ވަނަ މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ސަމިޓުގައި ވާހަކަ ދައްކަވަމުންނެވެ.
އެފްރިކާ އަދި އޭޝިއާ ގައުމުތަކުގެ ފަސްޓް ލޭޑީންނާއެކު ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން، ފަސްޓްލޭޑީ ސާޖިދާ ވަނީ ޖިއޮގްރަފީގެ ގޮތުން ކިތަންމެ ދުރުގައިވީނަމަވެސް ކޮންމެ މީހަކަށް ވެސް ސިއްހީ ހިދުމަތް ލިބެންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަހެރި ރަށަކަށް އުފަންވާ ކުއްޖަކަށްވެސް، ވެރިރަށަށް އުފަންވާ ކުއްޖަކާ އެއްފަދައިން، ދުޅަހެޔޮ މުސްތަގުބަލެއް ބިނާކުރުމުގެ ހަމަހަމަ ފުރުސަތު ލިބެންޖެހޭނެކަމަށް އެކަމަނާ ބާރުއަޅުއްވައި ވިދާޅުވިއެވެ.
”ދެމެހެއްޓެނިވި ތަރައްގީއަކީ ހަމައެކަނި އުމްރާނީ ވަސީލަތްތަކުން ހާސިލުކުރެވޭނެ އެއްޗެއް ނޫން. ކޮންމެ ފަރުދަކަށްމެ އަބުރުވެރިކަމާއި، އުންމީދާއި، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ލިބިގެންދާނެކަން ކަށަވަރުކުރުމަށް ޓަކައި، އިތުބާރާއި އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ ބައިވެރިވުންތަކެއް އޮންނަންޖެހޭ،“ ސާޖިދާ ވިދާޅުވިއެވެ.
މެކް ފައުންޑޭޝަނާއެކު ރާއްޖެއިން ގާއިމުކޮށްފައިވާ ބަދަހި ގުޅުމުގެ ސަބަބުން ލިބިފައިވާ ހެޔޮ ނަތީޖާތަކަށްވެސް ފަސްޓްލޭޑީގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ފާޓިލިޓީ އެންޑް އެމްބްރިއޮލޮޖީ، އެންޑޯކްރިނޮލޮޖީ، ކްރިޓިކަލް ކެއާ، އަދި ޕީޑިއޭޓްރިކްސް ފަދަ މުހިންމު ދާއިރާތަކުން ލިބިފައިވާ 13 ސްކޮލަޝިޕާއި، މީޑިއާ، މިއުޒިކް، ފިލްމު އަދި ފެޝަން ޑިޒައިނިންގްގެ ދާއިރާއިން ލިބުނު 8 ކްރިއޭޓިވް އެވޯޑް އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ’އެޑިއުކޭޓިންގް ލިންޑާ‘ ޕްރޮގްރާމުގެ ދަށުން 3000 ސްކޫލް ސަޕްލައި ސެޓް ފޯރުކޮށްދެވިފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
މެކް ފައުންޑޭޝަންގެ ’މޯ ދޭން އަ މަދަރ‘ ޕްރޮގްރާމްގެ އެމްބެސެޑަރެއްގެ ހައިސިއްޔަތުން، ދަރިމައިނުވުމާ ގުޅިގެން މުޖުތަމައުން ކުރިމަތިކުރުވާ ބަދުނާމާއި ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ސިއްހަތާއި ފުރުސަތުތަކާއި އަބުރުވެރިކަމަކީ ހަމައެކަނި މަދު ބަޔަކަށް ލިބޭ އިމްތިޔާޒުތަކަކަށް ނުހަދައި، އެއީ އެންމެންގެ ހައްގުތަކަކަށް ހެދުމަށް ހުރިހާ ބައިވެރިން އެކުގައި މަސައްކަތްކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.
މެކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީއަކީ އެފްރިކާ އަދި އޭޝިއާ ސަރަހައްދުގެ ތަރައްގީ އާއި ސިއްހީ ދާއިރާގެ މުހިންމު ކަންކަމަށް ހައްލު ހޯދުމަށް ޓަކައި، ދާއިރާގެ މާހިރުންނާއި ސިޔާސަތު އެކުލަވާލާ ފަރާތްތައް އެއްތަންކޮށްދޭ އަހަރީ ކޮންފަރެންސެކެވެ.

