ސަންގުން ދޮގެއް ނަހަދާނެ

Image

ކުއްލި ޚަބަރު

ހުޅުމާލެ އާއި ރަސްމާލެއަކީ މޫސުމީ ބަދަލުތަކުން މުޖުތަމައުތައް ހިމާޔަތްކޮށްދޭނެ ނަމޫނާ މަޝްރޫއުތަކެއް: ނައިބު ރައީސް

Image
ފޮޓޯ - ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ އާއި ރަސްމާލެ މަޝްރޫއަކީ މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް އަމިއްލައަށް އިސްނަގައިގެން ކުރެވޭ މަސައްކަތުން، މުޖުތަމައުތައް ހިމާޔަތްކޮށްދޭނެ ނަމޫނާ މަޝްރޫއުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، ޖަރުމަނުވިލާތުގެ ބާލިންގައި މިހާރު ކުރިއަށްދާ ”ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026“ ގެ ހައި-ލެވެލް ޕެނަލްއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ”ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މި ދަނޑިވަޅުގައި ހައްގުތައް ހިމާޔަތްކުރުން“ މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ހުޅުމާލެ އާއި ރަސްމާލެ މަޝްރޫއު ފަދަ މަޝްރޫއުތަކަކީ، ހިޖުރަކުރުން މަޖުބޫރީ ހާލަތަކަށް ވުމުގެ ކުރިން މޫސުމީ ހިރާސްތައް ކުޑަކުރެވިދާނެކަން ސާބިތުކޮށްދޭ ނަމޫނާ މަސައްކަތްތަކެއް ކަމަށެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރައްކާތެރިކަމާއި، ބޯހިޔާވަހިކަން ކަށަވަރުކުރުމުގެ ގާބިލިއްޔަތުގެ އިތުރުން ދިވެހީންގެ ސަގާފަތާއި ޝަހުސިއްޔަތަށް ނުރައްކާ ކުރިމަތިވެފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ރާއްޖޭއިން ދުރުރާސްތާއަށް އިސްކަންދޭ ކަންކަން ކަނޑައަޅައި، ބިނާރުތައް ރާވަން ޖެހިފައިވަނީ ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިއުމަށް ރިއާޔަތްކޮށްގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އެންމެ އިސް އަހުމިއްޔަތަކަށް ވާންވާނީ މުޖުތަމައުތައް ރައްކާތެރިކޮށް، އެ ބަޔަކު އުޅެން އިހްތިޔާރުކުރާ ތަނެއްގައި ކަރާމާތްތެރިކަމާއެކު ދެމިތިބުމުގެ ހައްގު ކަށަވަރުކޮށްދިނުމަަށް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަކީ ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫންކަމަށާއި، އެއީ އިންސާނީ ކަރާމާތާއި، ސަގާފަތާއި، އާމްދަނީ ހޯދުމުގެ ހައްގުތަކާވެސް ގުޅިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތަރައްގީވަމުން އަންނަ އެހެނިހެން ކުދި ޖަޒީރާ ގައުމުތަކެކޭ އެއްފަދައިން، ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލު ދެމެހެއްޓުމަށް ބައިނަލްއަގުވާމީ މައިދާނުގައި ވަކާލާތު ކުރަމުންދާނެކަމުގެ ޔަގީންކަންވެސް ނައިބު ރައީސް ވަނީ ދެއްވާފައެވެ. ނައިބު ރައީސް ވިދާޅުވި ގޮތުގައި ބަރޯސާވެވޭ މާލީ ފުދުންތެރިކަން ނެތި ނާޒުކު ގައުމުތަކަށް ބޭނުންވާ ވިލުންތެރިކަން ގާއިމެއް ނުކުރެވޭނެއެވެ. އެހެންކަމުން، މޫސުމީ ބަދަލުތަކުގެ އަސަރުކުރާ ގައުމުތަކުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ބޭނުންވާ ގާނޫނީ ޔަގީންކަން ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ނައިބު ރައީސް ވަނީ، ބައިނަލްއަގުވާމީ ގާނޫނުތައް ނަގަހައްޓައި، ވިލުންތެރިކަން އިތުރުކޮށްދޭނެ ހައްލުތައް ހޯދުމުގައި ބައިނަލްއަގުވާމީ މުޖުތަމައާއެކު މަސައްކަތްކުރުމުގައި ރާއްޖެ ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: